ޅެންވެރިންގެ ޝުޢޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގުދައްކައިދީ، ދަރިންގެ ކިބައިގައި މަތިވެރި އަޚުލާޤު ދިރުވައި އާލާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ދިވެހި ޅެންވެރިކަމަކީ ދިވެހިބަހުގެ އަދަބިއްޔާތަށް މުއްސަނދިކަމާއި އާރޯކަން ގެނުވައިދޭ، އަދަބިއްޔާތުގެ އެންމެ މުހިންމު ބަހާ ކަމަށެވެ. އަދި ދިވެހި ޅެންތަކަކީ ފުން އަސަރާއި ފަށުވިކަން އެކުލެވޭ ދިވެހި އަދަބިއްޔާތުގެ ރީތި އުފެއްދުންތަކެއް ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަސް ތަޚްސީސްކުރެވިފައިވަނީ ހ. އާމުލީގެ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤުއަށް ކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ހާމަކޮށްފައެވެ. އަދި މި މުނާސަބަތު ފާހަގަކުރުމަށް ޚާއްޞަ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރަން ފެށިފައިވަނީ 1989 ވަނަ އަހަރުން ފެށިގެން ކަމަށްވާއިރު، ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހަކީ ދިވެހި ޅެންވެރިންގެ ދުވަސް ކަމުގައި ފާހަގަކުރެވެއެވެ.