ރަމަޟާން މަހާ ގުޅިގެން ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު، މި މަހުގެ 20 ވަނަ ދުވަހު ގޭބިސީތަކަށް ބަހަން ސަރުކާރުން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މާލެ ސަރަހައްދުގައި (މާލެ، ވިލިމާލެ، ހުޅުމާލެ) ކަދުރު ބަހާނީ މިނިސްޓްރީގައެވެ. އަދި ރާއްޖޭގެ އެހެން ރަށްރަށުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
ކަދުރު ބެހުމުގައި ޢަމަލުކުރާނެ އުސޫލުތަކުގެ ތެރޭގައި، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދޫކުރުމާއި، ކަދުރު ބަލައިގަތުމަށް ހާޒިރުވާ ތަރުތީބުން ކަދުރު ދޫކުރުން ހިމެނެއެވެ. އަދި ކަދުރު ބެހުމުގައި ގޭބިސީގެ ކަރަންޓު މީޓަރު ނަންބަރާއި ކަދުރާ ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ބަލާ ޗެކްކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ރަމަޟާން މަހު އިފްތާރު ޕްރޮގްރާމްތައް ހިންގާ ޖަމްޢިއްޔާތަކަށްވެސް ކަދުރު ދޫކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގައި ނަން ނޯޓުކުރަންޖެހޭނެއެވެ.
މާލެ ސަރަހައްދުގައި ކަދުރު ބެހުން ފެށޭނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. އަދި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.