ޖަމްއިއްޔާތަކުގެ ރަޖިސްޓްރަރއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ގަވާއިދުން ހުށަހަޅާފައި ނުވުމުގެ ސަބަބުން އިންއެކްޓިވް ވެފައިވާ ޖަމްއިއްޔާތައް އެކްޓިވް ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ނިންމައިފިއެވެ.
މި ފުރުސަތު ފުރަތަމަ ދީފައިވަނީ 1971 އިން 1991 އަށް ރަޖިސްޓްރީ ކުރެވި، އިންއެކްޓިވް ވެފައިވާ 55 މަދަނީ ޖަމްއިއްޔާ އަށެވެ. މިގޮތުން ލިޔެކިއުންތައް ހުށަހެޅުމަށް 6 މަސް ދުވަހުގެ މުއްދަތެއް ދެވިފައިވާއިރު، މި މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވާ އާދީއްތަ ދުވަހުގެ 14:00 އަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ، މި މުއްދަތު ތެރޭގައި ޖަމްއިއްޔާ އެކްޓިވް ނުކުރާނަމަ، އެފަދަ ޖަމްއިއްޔާތައް ޤާނޫނު 3/2022 ގެ 69 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން، އިންއެކްޓިވް ވެފައިވާ ޖަމްއިއްޔާތަކުގެ ތެރެއިން، ޖަމްއިއްޔާ އެކްޓިވް ކުރުމަށްޓަކައި ލިޔެކިޔުން ފުރިހަމަކުރަން ބޭނުންވާ ޖަމްއިއްޔާތަކުން ލިޔުންތައް [email protected] އަށް އީމެއިލް ކުރުމަށް އެދިފައިވެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ރަސްމީ ގަޑީގައި 4000488 އަދި 4000497 ނަންބަރު ފޯނަށް ގުޅުމަށް މިނިސްޓްރީން އަންގާފައިވެއެވެ.