އިންޑިއާގައި ރާއްޖޭގެ ޓޫރިޒަން އިޝްތިހާރު ކުރަން އަނެއްކާ ވެސް ބޮލީވުޑްގެ ބަޔަކާ އެކު އެމްއެމްޕީއާރްސީން މުމްބާއީގައި ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.
މުމްބާއީގެ ފޯ ސީޒަންސް ހޮޓެލްގައި ‘މޯލްޑިވިއަން ނައިޓް’ގެ ނަމުގައި ބޭއްވި މި ހަރަކާތުގައި އިންޑިއާގެ ފިލްމީ ދާއިރާގެ 100 އަށް ވުރެ ގިނަ ފަންނާނުން ބައިވެރިވެފައިވެއެވެ.
އިއްޔެ ހަވީރު އެ ހަފުލާ ބޭއްވީ މިދިޔަ މަހުގެ 30 އިން އިއްޔެގެ ނިޔަލަށް މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ގެންދިޔަ “އޯޓީއެމް ފެއާ” އާ ވެސް ގުޅުވައިގެންނެވެ.
އޭގެ ތެރޭގައި ރާއްޖެ އަށް އެކި ފަހަރު މަތިން ޒިޔާރަތްކޮށްފައިވާ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ޚާންގެ އިތުރުން ޑައިރެކްޓަރު ޒޯޔާ އަޚްތަރާއި އޭނަގެ ކޮއްކޮ ފަރުހާން އަޚްތަރުގެ އަންހެނުން ޝިބާނީ ޑަންޑޭކަރާއި ބަތަލާ ނޭހާ ދޫޕިއާގެ ފިރިމީހާ އެކްޓަރު އަންގަދު ބޭދީ އާއި ކެޓްރީނާ ކައިފްގެ ކޮއްކޮ ބަތަލާ އީޒްބެލް ކައިފް އަދި ބަތަލާ މޯނީ ރޯއި ހިމެނެ އެވެ.
އެމްއެމްޕިއާރްސީން ވަނީ 2025 ވަނަ އަހަރު 300،000 އަށްވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފާފައެވެ. މި ލަނޑުދަނޑި ހާސިލް ކުރުމަސް އެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ ސްޓްރެޓީޖިކް މާކެޓިންގ މަސައްކަތްތަކެއް ފަށާފައިވާއިރު، މީގެ ތެރޭގައި ކުރިއަށް ހިނގަމުންދާ ސަމަރ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއަރލައިންތަކާއެކު ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ އިތުރުން ނަން މަޝްހޫރު ޓުއަރއޮޕަރޭޓަރުންނާއެކު ޕާޓްނަރޝިޕްތައް ގާާއިމުކުރުން ހިމެނެއެވެ.
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި އިންޑިއާ ހިމެނޭ އިރު، އެ ގައުމުގެ ފިލްމީ ތަރިން މިހާރު ވަރަށް ގިނައިން ރާއްޖެ އާދެ އެވެ. އިންޑިއާ އަކީ 2023 ގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމު ވެސް މެ އެވެ.