ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތީ އެއްގޮތް ސިޔާސަތުތަކަކާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ގުޅުމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“އެކްސް” މެދުވެރިކޮށް ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް އަވަށްޓެރިކަމާއި ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބިނާވެގެން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށެވެ.
އަދި ރައީސް ވަނީ ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސުރިޔާއަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކޮށްފައެވެ.
ރައީސް ވަނީ ސްރީލަންކާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ދެމެހެއްޓެނިވި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.