4 ފުރޮޅުލީ އުޅަނދު މިހާރު ރަޖިސްޓްރީ ކުރެވޭނީ އުޅަނދު ބާއްވާނެ ސައްޙަ ގަރާޖެއް ދެއްކުމަށް ފަހުގައި ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި ނިންމުމާއެކު، ޤާނޫނާއި ގަވާއިދުގެ ތެރެއިން ނޫންގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރުން ވަނީ ނިމުމަކަށް ގެނެވިފައި ކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
މި މަސައްކަތް ފުރިހަމަ ގޮތުގައި ކުރުމަށް އަދި ގަރާޖުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިސްޓްރީގެ ފަރާތުން އެތަނަށް ގޮސް ގަރާޖު ޗެކް ކުރާނެއެވެ. މި ކަމުގެ މައިގަނޑު މަޤްޞަދަކީ 4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގައި ޤާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އުޞޫލުން ބޭރުން ރަޖިސްޓްރީ ވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުމެވެ.
މި އައު އުޞޫލުގެ ނަތީޖާއެއްގެ ގޮތުން، 2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރު މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރެވުނު 4 ފުރޮޅުލީ އުޅަނދުގެ ނިސްބަތް ވަނީ %74.1 ދަށްވެފައެވެ. މިއީ މާލެ ސަރަހައްދަށް އިތުރުވަމުން ދިޔަ އުޅަނދުގެ މިންވަރު ވަރަށް ބޮޑު ތަނުން ދަށްވެފައިވާކަން ދައްކުވައިދޭ ތަފާސްހިސާބެކެވެ.
މި އައު އުޞޫލަކީ މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރުމަށާއި، ގަވާއިދާ އެއްގޮތަށް އުޅަނދު ރަޖިސްޓްރީކުރުން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. މީގެ ސަބަބުން މާލޭގެ މަގުތަކުގައި ޕާކުކުރެވިފައި ހުންނަ އުޅަނދުގެ އަދަދު މަދުވެ، ދަތުރުފަތުރު ތޮއްޖެހުމަށް ލުޔެއް ވަނީ މިހާރުވެސް ލިބިގެންގޮސްފައެވެ.
