ކެންސަރު ބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ސަރުކާރުން ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން ސްކްރީނިންގ ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރައްވާނެކަމަށް ހެލްތު މިނިސްޓަރ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ކެންސަރު ދުވަހާއި ގުޅިގެން މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވަނީ ކެންސަރު ދުވަހު، ކެންސަރާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ ހުރިހާ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.
މީގެ ތެރޭގައި މި ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކާއި، އެ ފަރާތްތަކުގެ ޢާއިލާތަކާއި، އެހީތެރިންނާއި އަދި ޞިއްޙީ ދާއިރާގެ ފަންނީ މާހިރުން ގެ މަސައްކަތް ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ނާޒިމް ވަނީ ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއެކު، ގަވާއިދުން ސްކްރީނިންގ ޓެސްޓުތައް ހެދުމަކީ ކެންސަރު ބަލީގެ ނުރައްކާ ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަން ފާހަގަކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. 2025 ވަނަ އަހަރު ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ “United by unique” އެވެ. މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެނީ މި ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް މިބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާ މެދު މަޢުލޫމާތު ފޯރުކޮށް ދިނުމަށެވެ.
