މިއަހަރަށް ތާވަލުކޮށްފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފުރަތަމަ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރި މައުލޫމާތަަށް ބަލާއިރު 12 ދާއިރާއެއްގެ ވޯޓުލުން ކުރިއަށްދާއިރު، މީގެ ތެރޭގައި ދެ ރަަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި، 10 ރަަަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރަަ ކޮމެޓީތަކުގެ ބައި-އިލެކްޝަން ހިމެނެއެވެ.
ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ ފަސް ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ހުޅުވާލިއެވެ.
ކައުންސިލްތަކުގެ ބައި-އިލެކްޝަނަށް ބަލާއިރު މިހާރު ކުރިއަށް ދަނީ ހދ. މަކުނުދޫ ކައުންސިލްގެ މެންބަރަކާއި، ނ. ލަންދޫ ކައުންސިލް އަންހެން މެންބަރަކު އިންތިހާބު ކުރަން ބާއްވާ ބައި-އިލެކްޝަނެވެ.
އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ބައި-އިލެކްޝަންސްތަައް ކުރިއަށް ދަނީ، ނ. ލަންދޫ، ހދ. ހިރިމަރަދޫ، ނ. މިލަދޫ، އދ. ހަންޏާމީދޫ، ބ. ގޮއިދޫ، ލ. ގަން، ނ. ފޮއްދޫ، ރ. އިންނަމާދޫ، ދ. ހުޅުދެލި، ކަނޑުހުޅުދޫ އަދި ތ. ބުރުނީގައެވެ.
މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ މާފަންނު މަދަރުސާގައެވެ. އެގޮތުން ހަތަރު ވޯޓު ފޮއްޓެއް މާފަންނު މަދަރުސާގައި ބަހައްޓާފައިވެއެވެ.
ބައި އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 16:00 އާ ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.