މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން އަންގައިފައިވާ ގޮތަށް، އެ މައުލޫމާތު ހާމަކުރަން ސަރުކާރުން ނިންމައިފި އެވެ.
އާންމު ފަރާތަކުން މީގެ ދުވަސްތަކެއް ކުރިން ވަނީ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުންގެ މުސާރައާއި އެ ނޫންވެސް ބައެއް މައުލޫމާތު ހޯދަން އެދިފައެވެ. އަދި އެ މައްސަލާގައި ރައީސް އޮފީހުން އެ މައުލޫމާތު ފޯރުކޮށް ނުދޭން އޭރު ނިންމުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެ މައުލޫމާތަކީ ޒާތީ މައުލޫމާތަށް ނުވާނެކަމަށް ބުނެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހަށް އަންގާފައެވެ.
ނަމަވެސް އެމައުލޫމާތު ފޯރުކޮށްނުދީ އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅި ދުވަހު ނޫން ޖެހިގެން އަދި ދުވަހު މައްސަލަަ އަނބުރާ ނަގަން ހުށަހެޅި ކަމަށެވެ.
“މި މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ,” އުޝާމް ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުންނާ ގުޅޭ ގޮތުން ހާމަކުރަން އެދިފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނެނީ އެ މީހުންގެ ނަންތަކާއި، އެޑުރެހުގެ އިތުރުން ވަޒީފާ އަދާކުރާ މަގާމާއި ތަނުގެ އިތުރުން، މުސާރައިގެ މައުލޫމާތެވެ.