ހުޅުމާލޭގައި ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ކަންނެލި ޕެކިން ފެކްޓްރީގެ މަޝްރޫޢު މި އަހަރުގެ މެދަކާ ހިސާބުގައި ފަށައި، އަންނަ އަހަރުގެ މެދު ތެރެއަށް ނިމޭނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަނީ މި މަޝްރޫޢަށް ބޭނުންވާ ފައިސާ އައިއެސްޑީބީ މެދުވެރިކޮށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މަޝްރޫޢު އިޢުލާނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ހުޅުމާލޭ ބަނދަރުގައި 25،000 އަކަފޫޓުގެ ޖާގައެއް ބޮޑު ކަންނެލީގެ މަސްވެރިންނަށް މަސް ޕެކް ކުރުމަށް ޓަކައި ކަނޑައެޅިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަޝްރޫޢާއެކު ކުދި ވިޔަފާރިތަކަށާއި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ފަދަ ޖަމްޢިއްޔާތަކަށް ވެސް “ކޯޕެކް” ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފެސިލިޓީއާއެކު ކަންނެލި މަސްވެރިންނަށް އެ މަސައްކަތް ކުރިއަރުވަން ހުރި ގޮންޖެހުންތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަން މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި މި ފުރުޞަތާއެކު ކަންނެލި މަސްވެރިންގެ އަތުން ބޭނުންވާ އަގެއްގައި މަސް ގަތުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.