ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ “ވޯލްޑް ގަވަމަންޓްސް ސަމިޓް 2025” ގެ ޕްލީނަރީ ސެޝަންގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ. މި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާކާރުން އެއްތަނަކަށް ޖަމާވެ، ތަޖުރިބާތަކާއި ވިސްނުންތަކާއި ގޮންޖެހުންތަކާއި ކާމިޔާބީތައް ހިއްސާކުރުމަށް ބޭއްވޭ މުހިންމު ފޯރަމެކެވެ.
މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ހަ މުހިންމު ދާއިރާއަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހެޔޮ ވެރިކަމާއި ޖަވާބުދާރީވުން، ކުރިމަގަށް އަދި ދުނިޔޭގެ އިޤްތިޞާދަށް ފައިނޭންސްކުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމާއި ވިލުންވެރި ސިޓީތައް، ކުރިމަގަށްޓަކައި ރަނގަޅު މުޖުތަމަޢުތައް ބިނާކުރުމާއި ޤާބިލުކަން އިތުރުކުރުން، ދުނިޔޭގެ ޞިއްޙަތަށް އަންނަމުންދާ ބަދަލުތައް، އަދި ކުރިމަގުގެ އީޖާދީ ޓެކްނޮލޮޖީއެވެ.
މި މަހުގެ 11 އިން 13 އަށް ބޭއްވޭ މި ސަމިޓުގެ މޫސުމީ ބަދަލުތަކާ ބެހޭ ފޯރަމްގައި ނައިބު ރައޯސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މި ސަމިޓަކީ ސަރުކާރުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އީޖާދީ ހައްލުތައް ހޯދުމަށް ބާރުއަޅާ، މުހިންމު މަންޞައެއް ކަމުގައި ބެލެވެއެވެ.