ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓުތަކުގައި ރާއްޖެއިން ހައްޖަށްދާ މީހުން ސައުދީއަށް ގެންދަން އެއްބަސްވެއްޖެ އެވެ.
އިސްލާމީ މަރުކަޒު ހޯލުގައި އަކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހައްޖު ކޯޕްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ހައްޖަށްދާ 50 ޕަސެންޓް ހައްޖާޖީން ދަތުކުރާނީ މޯލްޑިވިއަންގެ ބޯޓުގައި ކަމަށެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށެވެ. ސައުދީ ސަރުކާރުގެ ފަރާތުން ކޮންމެ ގައުމެއްގައިވެސް އެ ގައުމެއްގެ، ގައުމީ އެއާލައިނުން 50 ޕަސަންޓު ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދަތުރުކުރަން ހުއްދަދީފައި އޮތް ނަމަވެސް، ރާއްޖޭގައި އެކަން މީގެ ކުރިން ހަމަޖެހިފައި ނެތް ކަމަށް ވިދާޅުވިއެވެ.
އަދި އަހަރުތަކެއް ފަހުން ދިވެހި ހައްޖާޖީންނަށް ދިވެހިންގެ އަމިއްލަ އެއާލައިނެއްގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިމިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ގައުމީ އެއާލައިނަށް އައިސްފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މޯލްޑިވިއަންއިން ހައްޖުވެރިން އުފުލަން ފެށުމުން ހައްޖުގެ ދަތުރުތަކަށް ކުރަމުން އަންނަ ހަރަދުން 3.4 މިލިޔަން ރުފިޔާ ސަލާމަތް ވެގެންދާނެ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ޝަކީލް ވަނީ ވިދާޅުވެފައެވެ. އަދި މިއަދު މޯލްޑިވިއަންއާއެކު ވެވުނު އެއްބަސްވުމަކީ ހައްޖަށްދާ ފަރާތަކުން ދައްކާ ފައިސާ މަދު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށް އެމްޑީ ފާހަގަ ކުރެއްވިއެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދާނީ މޯލްޑިވިއަނުން ދާދި ފަހުން ގެނައި ވައިޑް ބޮޑީ އެއާ ކްރާފްޓްތަކުގަ އެވެ.



