ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މާސް އިންސްޕެކްޝަނެއް މިއަދު ފަށައިފިއެވެ.
މި އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެންނެވެ. އަދި މި އިންސްޕެކްޝަން މިއަދު ހެނދުނު 9:00 އިން ހަވީރު 16:00 އަށް މާލެ އާއި އަތޮޅުތެރޭގައި ކުރިއަށްދާނެކަމަށް އެ އިދާރާތަކުން މައުލޫމާތު ދެއެވެ.
ހެލްތް މިނިސްޓްރީން ހާމަކުރިގޮތުގައި މި އިންސްޕެކްޝަންގެ މައިގަނޑު މަޤްޞަދަކީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު (6/2024) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކާބޯތަކެތި ވިއްކައި، ގުދަންކޮށް އަދި ގެންގުޅެމުންދޭތޯ ބެލުމެވެ. އޭގެ ތެރޭގައި ފިހާރަތަކާއި މާރުކޭޓްތަކުގެ ޕެސްޓް ކޮންޓްރޯލް، ކާބޯތަކެތި ރައްކާކުރާ ގޮތް އަދި މުއްދަތު ހަމަވެފައިވާ ތަކެތި ހުރިތޯ ބެލުން ހިމެނޭކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.


އިންސްޕެކްޝަންގެ ތެރެއިން ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް ލޭބަލްގައި އިރުޝާދު ދީފައިވާ ތަކެތި ބަހައްޓަނީ އެ އިރުޝާދާ އެއްގޮތަށްތޯ ބެލުމާއި، ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް، ގުދަންކޮށްފައިވަނީ ރައްކާތެރިކޮށްތޯވެސް ބަލާ ޗެކްކުރާނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2024 ވަނަ އަހަރުގެ އޮގަސްޓް 23ގައި އަމަލުކުރަންފެށި ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެމްއެފްޑީއޭއިން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމާއި، އެފަދα ތަންތަނުގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.



