ފަނޑިޔާރުންގެ ކަންކަން ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު މިއަދު ސަސްޕެންޑްކޮށްފި އެވެ. މި ގޮތުން ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއް ސުޢޫދު އެވެ.
އެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރީ އެ ކޯޓުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ސަސްޕެންޑް ކުރީ ކިހާ މުއްދަތަކަށް ކަމެއް ނޭނގޭ އެވެ.
މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށްފަހު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އަދި މި ނިންމުން ނިންމާފައިވަނީ މަޖިލިސް މެންބަރުންގެ ގޮނޑިއާ ގުޅޭ މައްސަލައިގައި އަވަސް އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ސުޕްރީމް ކޯޓުގައި ބެލުމަށް ހަމަޖެހިފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގުނު ރޯލްކޯލް ވޯޓެއްގައި 68 މެންބަރުންގެ ތާއީދާއެކު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ އިޞްލާޙު ފާސްކޮށްފައެވެ. މި އިޞްލާޙަކީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި އިޞްލާޙެކެވެ.



