ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ 400 އަށްވުރެ ގިނަ މީހުން ލިސްޓުން އުނިކޮށްފިއެވެ. މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުއްތަލިބެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި، މާލޭގައި އެކަނި ދިރިއުޅޭ ކަމުގެ ލިޔުން ދީގެން ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކާއި، ޝަރުތު ފުރިހަމަނުވާ އެތައް ބަޔަކަށް ލިޔުންތައް ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ 1،890 ފަރާތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް މާޗް މަހުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ދެން ކުރިއަށް ގެންދާނީ 1،500 ފޯމު ވެރިފައިކުރުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ “އެއްވެސް ފަރާތަކަށް ދޭން ނިންމާފައިވާ ފްލެޓެއް އެހެން ފަރާތަކަށް ހަވާލެއް ނުކުރާނެ” ކަމަށެވެ. މިއީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



