މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޓްރޭޝް ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިލެއްވުމުގެ މަތިން ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހާމަކުރައްވައިފިއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ފިޔަވަޅެއްގެ ގޮތުން، ސަރުކާރުގެ ޚަރަދުގައި ދެ ޕަމްޕު ގެނެސް ބޭނުންކުރަން ފަށާފައިވެއެވެ. މި ޕަމްޕުތައް ގެނެސްފައިވަނީ ސިޓީ ކައުންސިލުގެ އެދުމުގެ މަތިން، ސަރުކާރުގެ ފައިސާއިން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) މެދުވެރިކޮށެވެ.
މި މައްސަލައާ ގުޅޭގޮތުން ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވެފައިވަނީ، ކައުންސިލުން ކުރާ ހުރިހާ ޚަރަދެއްވެސް ކުރެވެނީ ކައުންސިލު ބޯޑުން ފާސްކޮށްގެން ކަމަށާއި، އަދި ކައުންސިލު ބޯޑުގެ ސުޕަރ މެޖޯރިޓީ އޮތީ ރައީސް މުޢިއްޒުގެ ޕީއެންސީ ކައުންސިލަރުންގެ އަތްމަތީގައި ކަމަށެވެ.
އަލަށް ގެނެވުނު ޕަމްޕުތަކުގެ ޒަރީއާއިން މިނެޓަކު 11،356 ލީޓަރުގެ ފެން ބޭރުކުރެވޭނެއެވެ. މިއީ ކުރިން ބޭނުންކުރަމުން އައި، މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރެވޭ ޕަމްޕުތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
މި ޕަމްޕުތައް މިވަގުތު ބޭނުންކުރަމުން ގެންދަނީ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ޕަމްޕުތައް ގެނައުމާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަރީޝް ވިދާޅުވެފައިވަނީ، މިއީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ރައީސް މުޢިއްޒު ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމުގެ ނަތީޖާއެއް ކަމަށެވެ.



