ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ގެސްޓުންނަށް ކާންދިނުމުގައި ހެދިފައިވާ އާންމު ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރު މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވަޒީރު ވަނީ، ރަމަޟާން މަހު ޓޫރިސްޓުންނަށް ކާންދިނުމުގައި ސަރުކާރުން އެކަށައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާ ޚިލާފުނުވާ ގޮތަށް، އަދި އެ ރަށެއްގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ނުފެންނާނެ ގޮތަކަށް ޚިދުމަތް ދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި ލޯކަލް ޓުއަރިޒަމް ތަރައްޤީވެ، ގެސްޓް ހައުސްތައް އިތުރުވަމުން އަންނައިރު، ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ގެސްޓުންނަށް ޚިދުމަތް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްމިނިސްޓަރު ފާހަގަކުރައްވައިފައިވެއެވެ.
ޚާއްސަކޮށް ރޯދަމަހު، ގެސްޓުންނަށް ކާންދިނުމާ ގުޅޭގޮތުން މަދުން ނަމަވެސް ޝަކުވާތައް އުފެދޭކަމަށާއި، މިއީ އެ ރަށްރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.



