އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ބާއްވާ އޮފީސްތަކުގެ ޤުރުއާން މުބާރާތް މިއަދު ވަނީ ފަށައިފައެވެ.
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށުން ކުރިޔަށްދާ މި މުބާރާތުގައި މިއަހަރު 24 އޮފީހަކުން ޖުމްލަ 94 ބައިވެރިން ވާދަކުރާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މުބާރާތުގެ ކިޔެވުންތައް ކުރިޔަށްދަނީ މާލޭގެ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި ކަމަށާއި، މި މުބާރާތުގެ ކިޔެވުންތައް ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މުބާރާތަކީ ރަމަޟާން މަސް އިޙްޔާކޮށް ދިރުވުމުގެ މަޤްޞަދުގައި 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަން އިތުރުކޮށް، ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމެވެ.



