ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމުގެ މަޤްޞަދުގައި ކުރިޔަށްގެންދާ “މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446” ގެ ފެށުމުގެ ރަސްމިއްޔާތު ރޭ އިސްލާމިކް ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ތިން ދަރިވަރުންނާއި މިޞްރުގެ ޤާރީއަކު ކީރިތި ޤުރުއާނުގެ އާޔަތްތަކެއް ކިޔަވައި އިއްވެވިއެވެ. އަދި ކިޔަވައި އިއްވެވި އާޔަތްތަކާ ގުޅޭގޮތުން ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރާއި، ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ލެކްޗަރަރ އައްޝައިޚް ޢަބްދުލްޢަޒީޒު ޙުސައިނާއި، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސްގެ ޑީން އައްޝައިޚް ނިމާލް މުޙައްމަދު ޢިލްމީ ވާހަކަފުޅުތަކެއް ދެއްކެވިއެވެ.
ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ މި އަހަރުގެ މަހުރަޖާނުގައި ބައިވެރިވި ހުށަހެޅުންތެރިންނަށް ހަނދާނީ ލިޔުން އަރުވައިދެއްވާފައެވެ.
“މަހުރަޖާނުލް ޤުރުއާނިލްކަރީމް” އަކީ 2006 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާއިން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. މި މަހުރަޖާނުގެ މައިގަނޑު އަމާޒަކީ ރީތި ރާގުތަކަށް ކީރިތި ޤުރުއާން ކިޔެވުމުގެ އިތުރުން، ޤުރުއާނުގެ މާތް ޢިލްމު މުޖުތަމަޢުގައި ފެތުރުމެވެ.