ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައްވެސް ވާންޖެހޭނީ ޕްރޮފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ޙަރަކާތްތަކަށް ކަމަށެވެ. އަދި މުޖުތަމަޢުގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމަކީ ދުޅަހެޔޮ، ކުރިއަރާފައިވާ ޤައުމެއް ބިނާކުރުމުގެ އަސާސްކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ މުޒާހަރާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދައްކައި، ކުޑަކުއްޖެއްގެ ޙައްޤުތަކަށް އަރައިގަތުމާ ގުޅިގެންނެވެ.
އެމްޑީޕީއިން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މާލޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި ރައީސް މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙަންމަދު މުޢިއްޒުއާ ބެހޭގޮތުން ދައްކަމުންދަނީ ޙަޤީޤަތެއްނެތް، ދޮގު ވާހަކަތަކެއްކަން އާއިލާއިން ވަނީ ހާމަކުރައްވާފައެވެ.



