ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ދަސްވެނިވުން ފުރަތަމަ ފަހަރަށް ބޭއްވިއެވެ. މި ތާރީޚީ ރަސްމިއްޔާތުގައި 24 ޙާފިޡުންނަށް ހަނދާނީ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ އިޢުލާންކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ގޮތުގައި، މިހާރު ޙާފިޡުންނަށް ދެމުންގެންދާ މަހަކު 2000 ރުފިޔާގެ އިނާޔަތް ދެގުނައަށް އިތުރުކުރައްވާނެއެވެ.
ޙާފިޡުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެތައް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެ ތެރޭގައި ޙާފިޡުންނަށް ދެއްވާ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ފެންވަރަށް ބަދަލުކުރެއްވުމާއި، ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއް ފެއްޓެވުން ހިމެނެއެވެ. އަދި ކޮންމެ ދަރަޖައެއްގައި ޙާފިޡަކު ފާސްވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑެލް ދެއްވާގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.
މިއަހަރުގެ ދަސްވެނިވުމުގައި ޙާފިޡުން ބޭނުންކުރެއްވި ގައުނާއި ތާކިހާ ފަރުމާކުރެވިފައިވަނީ ދިވެހިންގެ އިސްލާމީ އަޤީދާއާއި އުޚުއްވަތްތެރިކަން ދައްކުވައިދޭ ގޮތަށެވެ. މި ފަރުމާގައި މާލޭ ހުކުރު މިސްކިތުގެ އިސްލާމީ ކުރެހުންތަކުގެ އިތުރުން ދިވެހި ސަޤާފަތާއި ތާރީޚީ ކުލަވަރު ހިމަނާފައިވެއެވެ.
މިއީ ސަރުކާރަކުން މިހާތަނަށް ޙާފިޡުންނަށް މިފަދަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންގޮސްފައިވާ ފުރަތަމަ ފަހަރެވެ.



