ދިގު ޗުއްޓީއަކަށްފަހު، މިއަދު ރާއްޖޭގެ ސްކޫލުތަކުގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފިއެވެ. މިގޮތުން މިއަހަރު ރާއްޖޭގެ ސްކޫލުތަކުގައި 90,000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަން ފަށާއިރު، އޭގެ ތެރެއިން 84,000 ދަރިވަރުން ކިޔަވަމުންދާނީ ސަރުކާރުގެ 217 ސްކޫލުގައެވެ.
ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަހަރު މުޅި ރާއްޖެއިން 5,000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ގްރޭޑް އެކަށް އަލަށް ވައްދާފައެވެ. އޭގެ ތެރެއިން 2,000 އަށްވުރެ ގިނަ ދަރިވަރުން ހިމެނެނީ މާލޭ ސަރަޙައްދުގެ ސްކޫލުތަކުގައެވެ. މާލޭގައި ހުރި 19 ސްކޫލުގައި މުޅި ރާއްޖޭގެ ސްކޫލު ދަރިވަރުންގެ 33 އިންސައްތަ ކިޔަވަމުންދާއިރު، މުޅި ރާއްޖޭގެ ސްކޫލުތަކުގެ މުވައްޒަފުންގެ 21 އިންސައްތަ މަސައްކަތް ކުރަނީ މާލޭ ސްކޫލުތަކުގައެވެ.
މިއަހަރު ފާހަގަކޮށްލެވޭ އެއް ކަމަކީ އަތޮޅުތެރެއިން މާލެއަށް ދަރިވަރުން ބަދަލުވުން އިތުރުވެފައިވުމެވެ. އެގޮތުން އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް 1,200 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާއިރު، އަތޮޅުތެރޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް 500 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބަދަލުވެފައެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ދައުލަތުގެ މީޑިޔާއަށް އިންޓަވިއު ދެއްވަމުން ވިދާޅުވި ގޮތުގައި، މިއަހަރު މުޅި ރާއްޖޭގެ ސްކޫލުތަކުގައި 11,000 މުދައްރިސުން މަސައްކަތްކުރާނެއެވެ. އޭގެ ތެރެއިން 10,000 މުދައްރިސުން މަސައްކަތްކުރާނީ ސަރުކާރު ސްކޫލުތަކުގައެވެ.
“ޗުއްޓީގައި ބައެއް ބިދޭސީ މުދައްރިސުން ވަޒީފާއިން ވަކިވެފައިވާތީ، އެ މަޤާމުތަކަށް އައު މުދައްރިސުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން،” ވަޒީރު ވިދާޅުވިއެވެ.
މި ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ ޑިސެންބަރު 28 ގައެވެ. އަދި އަންނަ އަހަރުން ފެށިގެން ދިރާސީ އަހަރު ފެށުން ޖެނުއަރީ މަހަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މިކަމަށް ބޭނުންވާ އެންމެހައި ތައްޔާރީތައް ވެސް ތަޢުލީމީ ވުޒާރާއިން ދަނީ ކުރަމުންނެވެ. މިއީ މިދިޔަ ސަރުކާރުން އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައިވާ ދިރާސީ އަހަރު އަލުން ކުރީގެ ގޮތަށް ބަދަލުކުރުމަށް މި ސަރުކާރުން ނިންމި ނިންމުމެކެވެ.



