ހުޅުމާލޭ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، މިހާތަނަށް ހަތަރު ޓަވަރެއްގައި ލިފްޓް ހަރުކޮށް ނިންމުމަށްފަހު ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅު ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރ އަހުމަދު އިބްރާހިމް “އެކްސް”ގައި ވިދާޅުވެފައިވެއެވެ. އަދި މިހާރު ބޭނުންކުރަމުންދާ ލިފްޓްތަކަށްވުރެ އަލަށް ހަރުކުރެވޭ ލިފްޓްތައް ބޮޑުވެ، ޖާގަ އިތުރުވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“އެތައް އަހަރެއް ވަންދެން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިފްޓް މަދުވުމުގެ ސަބަބުން ދިމާވަމުން އައި ދަތިތައް ހައްލުކޮށްދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު މިހާރު މިދަނީ ހާސިލުވަމުން،” އަހުމަދު އިބްރާހިމް ވިދާޅުވިއެވެ.
278.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގައި، ކޮންމެ ޓަވަރަކަށް އިތުރު ދެ ލިފްޓް އިތުރުކުރެވޭނެއެވެ. މިގޮތުން ޖުމްލަ 32 ލިފްޓް ހަރުކުރެވޭނެއެވެ. މި މަޝްރޫއު މިދިޔަ އަހަރުގެ އެޕްރީލް މަހު ވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްފައެވެ.
މިވަގުތު ހިޔާ ޓަވަރުތަކުގައި ހުންނަނީ ކޮންމެ ޓަވަރެއްގައި ތިން އަދި ހަތަރު ލިފްޓެވެ. އެހެންނަމަވެސް އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަދަދު ގިނަވުމާއެކު، ވަކި ވަގުތުތަކެއްގައި ލިފްޓް ކައިރީގައި މީހުން ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ދިމާވަމުންދާކަން ފާހަގަކުރެވެއެވެ.



