ރާއްޖޭގައި ދިމާވެފައިވާ ބޭހުގެ ދަތިކަން ހުއްޓުވުމަށް އެޅެމުންދާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފިކަމަށް ހެލްތު މިނިސްޓަރު ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، ބޭހުގެ ދާއިރާ ހަރުދަނާކުރުމަށް އެމްއެފްޑީއޭގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވި، މުވައްޒަފުންގެ ޒިންމާދާރުކަން އިތުރުކުރެވެމުންދެއެވެ.
މިނިސްޓަރު ނާޒިމް ފާހަގަކުރެއްވި ގޮތުގައި، މި ދާއިރާއަށް ގެނެވޭ އިސްލާހީ ބަދަލުތަކުގެ ސަބަބުން ކުރިން ހުރި ގިނަ ގޮންޖެހުންތަކަށް ހައްލު ލިބި، ފާހަގަކުރެވޭ ކުރިއެރުންތަކެއް ވަނީ ހާސިލުކުރެވިފައެވެ.
“އިރާދަކުރެއްވިއްޔާ ގިނަ ދުވަސްތަކެއް ނުވެ މި ކަންބޮޑުވުމަށް ދާއިމީ، ހިތްހަމަޖެހޭ ހައްލެއް ލިބިގެންދާނެކަމުގެ ޔަގީންކަން އެބައޮތް،” މިނިސްޓަރު ވިދާޅުވިއެވެ.
ފަރުވާއަށް ބޭނުންވާ ބޭސް ނުލިބުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދިޔަ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ބޭސް އިމްޕޯޓުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ބޭސް ރައްކާކުރުމުގެ ވަސީލަތްތައް އިތުރުކުރުން ހިމެނެއެވެ.



