އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް ވަކި ބާވަތްތަކުގެ އުޅަނދު ދުއްވުމުގެ ލައިސަންސް ލުއި ގޮތަކަށް ނެގޭނެ އިންތިޒާމު ހަމަޖައްސައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން އިސްލާހު ގެނެސްފި އެވެ.
އައު އިސްލާހުގެ ދަށުން ދޫކުރެވޭ ހާއްސަ ލައިސަންސް ލިބޭނީ 60 ސީސީއަށް ވުރެ ކުޑަ މޮޓޯ ސައިކަލާއި، އޮޓޯ ސައިކަލާއި، ރަށު ޕިކަޕް ފަދަ އުޅަނދުތައް ދުއްވުމަށެވެ. މި ލައިސަންސް ހޯދުމަށް އިމްތިހާނެއް ދޭން ނުޖެހުނު ނަމަވެސް، މަގުމަތީގެ ގަވާއިދުތަކާ ބެހޭ ހަތަރު ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ އެވެ.
މި ލައިސަންސް ބޭނުންކުރުމަށް ވަނީ ވަކި ޝަރުތުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން އުޅަނދު ދުއްވޭނީ ހަމައެކަނި ލައިސަންސް ދޫކުރި ރަށެއްގައި އެވެ. އަދި ގަޑިއަކު 30 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑު ހުއްދަ ނުކުރާ މަގުތަކުގައި އެކަނި އެވެ. މީގެ އިތުރުން ހައިވޭތަކާއި ބްރިޖުތަކުގައި މި ލައިސަންސް ބޭނުންކޮށްގެން އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ.
މި ބަދަލާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މި ބަދަލު ގެނައުމުން ވެސް، 18 އަހަރުން މަތީގެ އެއްވެސް މީހަކަށް އާންމު ލައިސަންސްތައް ނެގުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި 60 އަހަރުން މަތީގެ މީހުންނަށް ވެސް، އާންމު އުސޫލުން އިމްތިހާނު ހަދައިގެން އެހެނިހެން އުޅަނދުތަކުގެ ލައިސަންސް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މި ހާއްސަ ލައިސަންސްގެ މުއްދަތަކީ 10 އަހަރު ދުވަހެވެ. މުއްދަތު ހަމަވުމުން އަލުން ލައިސަންސް އައުކުރެވޭނީ، ފުރަތަމަ ލައިސަންސް ނެގުމަށް ފުރިހަމަކުރި ތަމްރީނު ޕްރޮގްރާމް އަލުން ފުރިހަމަކުރުމަށް ފަހުގަ އެވެ.