ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައަށް ދިމާވެފައިވާ ކްރިޓިކަލް މައްސަލަތަކެއް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މިއަދު ހެނދުނު 9:00 އިން ފެށިގެން އެ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ހިނގައިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިކަން އަންގާފައިވަނީ ދެވަނަ ފިޔަވަހީގެ ކަސްޓަމަރުންނަށް އަމާޒުކޮށް ނެރުނު އިއުލާނެއްގައެވެ. މި މަސައްކަތަކީ ސްޓެލްކޯގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން ސްޓެލްކޯއިން ވަނީ މިއަދު ހެނދުނު 9:00 އާއި 17:00 ދެމެދު ހިޔާ 2 ވަނަ ޓަވަރުގެ އެކި އެޕާޓްމަންޓްތަކުން 30 މިނެޓަށް ކަރަންޓު ކެނޑިދާނެކަމަށްވެސް ބުނެފައެވެ.
އަދި މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލެއްވުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށާއި، ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މި މަސައްކަތްތަކަކީ އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކެކެވެ.