މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު ދިވެހިރާއްޖެއަށް ވަޑައިގަތުމުގެ ހުއްދަ ސައުދީ އަރަބިއްޔާގެ ޚާދިމުލް ހަރަމައިން ޝަރީފައިން، މަލިކް ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހާމަކުރި ގޮތުގައި، ޝެއިޚްގެ މި ތާރީޚީ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރައްވައި ހުތުބާ ދެއްވުމާއެކު، އާންމުންނަށް ޚާއްސަ ދީނީ ދަރުސެއް ވެސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ރާއްޖޭގެ އިސް އިލްމުވެރިންނާއެކު ބައްދަލުވުމެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާއިރު، ސައުދީ ސަރުކާރުގެ އެހީގައި އިމާރާތްކޮށްފައިވާ ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައި ހަރަމްފުޅުގެ އިމާމަކު ރާއްޖެއަށް ޒިޔާރަތްކުރައްވާފައި ނުވާއިރު، އެންމެ ފަހުން ހަރަމްފުޅުގެ އިމާމަކު ރާއްޖެއަށް ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިޚް މުހައްމަދު އައްސުބައްޔިލް އެވެ.
ޝައިޚް ސަލާހުލްބުދައިރަކީ ގުރުއާނުގެ ތިލާވަތުގައި ފާހަގަކޮށްލެވޭ، މަދީނާގެ ހަރަމްފުޅުގައި އިމާމުވެ ތަރާވީހު ނަމާދު ކުރައްވާ، އިސްލާމީ އުންމަތުގެ މެދުގައި ޚާއްސަ އިހުތިރާމަކާއި ލޯތްބެއް ލިބިވަޑައިގެންފައިވާ އިލްމުވެރިއެކެވެ. މި ދަތުރުފުޅަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ އުފާވެރި ފުރުސަތެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.