ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ދެވޭ ޚިދުމަތްތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް، އެ ކުދިންގެ ބެލެނިވެރިންނާއެކު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވުނު މި ބައްދަލުވުމުގައި، ހޮސްޕިޓަލުގެ އިސްވެރިންނާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ތެރަޕީތަކާއި އެހެނިހެން ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
ބެލެނިވެރިން ހިއްސާކުރެއްވި ކަންބޮޑުވުންތަކަށް މިނިސްޓަރު ނާޒިމް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާފައެވެ. އަދި މި ކަންކަން ހައްލުކުރުމަށް މިހާރު އަޅަމުންދާ ފިޔަވަޅުތަކާއި، ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ބެލެނިވެރިންނާ ހިއްސާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާ ހޯދައިދިނުމުގައި ހުރި އިތުރު ފުރުސަތުތަކާއި، އެ ފުރުސަތުތައް ތަނަވަސްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މިއީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކޮށް، ފެންވަރު މަތިކުރުމަށް އެޅޭ އިތުރު ހަރުދަނާ ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.