ކުރިއަށް އޮތް ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް ރާވައި، މުޅި ރާއްޖޭގައި ކުލަގަދަކޮށް މި ދުވަސް ފާހަގަކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު ވަނީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި މާލޭ ސަރަހައްދުގެ ސްކޫލުތަކުން އެއް ހަވީރެއްގައި އެއްތަނެއްގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި އަތޮޅުތަކުގެ ސްކޫލުތަކުގައިވެސް މި ދުވަސް ފާހަގަކުރުމަށް ރޭވިދާނެ ކަންކަމާ ގުޅޭގޮތުން އޮންލައިންކޮށް ޕްރިންސިޕަލުންނާއެކު މަޝްވަރާކޮށްފައިވެއެވެ.
މިނިސްޓަރ ޝަފީޢު ވިދާޅުވި ގޮތުގައި މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ރާވަންވާނީ ދަރިވަރުންގެ ކިޔެވުމަށް ދަތިނުވާނެހެންނެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް އެކުދިންގެ ހައްގުތަކާއި، އެކުދިންނާމެދު މުޖުތަމައު އަދި ގައުމު ދެކޭގޮތް އޮޅުންފިލުވައިދިނުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަރަކާތްތައް ރާވާއިރު ބެލެނިވެރިންނާއި މުދައްރިސުންނަށް އިތުރު ބުރައެއް ނުވާނެހެން، އަދި ޚަރަދުތައް ކުޑަކޮށް ކުރިއަށް ގެންދިއުމަށް މިނިސްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ. އަދި މިކަމާ ގުޅޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށް ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅޭ އިތުރު މައުލޫމާތު އަންނަ ދުވަސްތަކުގައި އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.