ކީރިތި ރަސޫލާ ﷺ ގެ މިސްކިތް، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު ޒުވާން ޚަޠީބުންނާއި، އިމާމުންނާއި ބައްދަލު ކުރައްވައިފިއެވެ.
އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޚަޠީބުންނާއި އިމާމުންނާއި ބައްދަލކުރައްވާ ގިނަ ނަޞޭޙަތްތަކެއް ދެއްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަތީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޙުސިއްޔަތު ވަރުގަދަ ކުރެއްވުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެ ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތުގައި ކުރަައްވާ ދަތުރުފުޅެކެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި ޑރ. ޞަލާޙުލް ބުދައިރުގެ ވާހަކަފުޅުގައި ވިދާޅުވީ، އިމާމުންނަކީ މުޖުތަމަޢު ބަލައިގަންނަ ނަމޫނާ ބަޔަކަށް ވުމަށާއި، މީހުންނަށް ހެޔޮ، އަދި ހެޔޮކަންކަން ފަތުރާ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަމަށެވެ. އިމާމުންގެ މާތްކަން ހާމަކުރައްވަމުން މުޖުތަމަޢު ފިތުނަވާ ފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ޢިލްމު ހޯދުމަކީ އިމާމުން ކޮންމެހެންވެސް ކުރަން ޖެހޭކަމެއްކަމަށާއި، ނަމާދާއި ގުޅޭ ޙުކުމްތަކާއި ދީނުގެ އެކި ޙުކުމްތައް އެންމެ ފުރިހަމައަށް އުނގެނުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއްކަމަށް ޑރ. ޞަލާޙުލް ބުދައިރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސަލާހުލް ބުދައިރު ރާއްޖެ އަށް ކުރައްވާ ދަތުރުގެ ތެރެއިން ރޭގެ މަޣުރިބު ނަމާދާއި އިޝާ ނަމާދު ކިންގް ސަލްމާން މިސްކިތުގައި ކުރެއްވި އެވެ. އަދި މިރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރެއްވުމަށް ފަހު އިސްލާމީ މަރުކަޒުގައި ދީނީ ނަސޭހަތް ދެއްވާނެ އެވެ.