ޗައިނާއިން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ކޮންގް ޒިއަންހުއާ މިއަދު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.
ރަސްމީ ޢިއްޒަތާއެކު ބޭއްވުނު މި ރަސްމިއްޔާތުގައި، ސަފީރު ވަނީ ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ހަތްކޮޅުގައި ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ބެރު ދުންމާރި އަދި ތާޅަފިލީގެ އިތުރުން ހެވިކަމުގެ ލަޝްކަރީން ބައިވެރިވިއެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ބޭއްވުނު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް މަރުޙަބާ ދަންނަވާ، ދެ ޤައުމުގެ މަސްލަޙަތު ގުޅިފައިވާ އެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ޗައިނާގެ ސަފީރު ވަނީ ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އެ ޤައުމުގެ ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު 14 ވަނަ ދުވަހުއެވެ. މި ދެ ޤައުމުގެ ގުޅުން ވޭތުވެދިޔަ 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ވަނީ އެކި ދާއިރާތަކުން ވަރަށް ބޮޑަށް ހަރުދަނާވެފައެވެ.



