ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައި އެންމެ ގަދަ ވާނީ މިއަދާއި މިރޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުންދާތާ މިހާރު ދެތިން ދުވަސް ވެފައިވާއިރު، މެޓުން ބުނި ގޮތުގައި މިއީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުމަށް ބަދަލުވަމުންދާ ދުވަސްވަރު އާންމުކޮށް ކުރާ “ދެ މޫސުން ބެދޭ ވިއްސާރަ” އެވެ.
މެޓުން ހާމަކުރިގޮތުގައި ރާއްޖެއަށް މިރެއާއި މާދަމާ ވެސް ވިއްސާރަ ކުރާނެ އެވެ. ނަމަވެސް މާދަމާ އެހާ ގަދަ ނުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ހުކުރާއި ހަމައަށްދާއިރު މޫސުން ރީތިވާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުނެފައިވެއެވެ.
މޫސުން ގޯސްވެފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެއްގަމާއި ކަނޑު ދަތުރުފަތުރުގައި ޚާއްސަ ސަމާލުކަމެއް ބެހެއްޓުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. މި ގޮތުން އެއްގަމު އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުމަށާއި، ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި އުޅަނދު ދުއްވުމަށް އަންގާފައިވެއެވެ.
ކަނޑު ދަތުރުތަކުގައި މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށާއި، ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ވެސް އިރުޝާދު ދީފައިވެއެވެ. އަދި އުޅަނދުފަހަރުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްވެސް އަންގާފައިވެއެވެ.



