ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޤައުމީ ކޮންފަރެންސް މިއަދު ވިލާ ނޯޓިކާގައި އިފްތިތާހުކޮށްފިއެވެ. “ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025” ގެ ނަމުގައި ބޭއްވޭ މި ކޮންފަރެންސް އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ކޮންފަރެންސަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހާ މުއައްސަސާތައް އެއްތަނަކަށް ޖަމާކޮށް، ފުރަތަމަ ފަހަރަށް ބާއްވާ މިފަދަ ބައްދަލުވުމެކެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި ކޮންފަރެންސްގެ މައިގަނޑު މަޤްސަދަކީ ދިރާސީ ހޯދުންތަކުގެ އަލީގައި ނިޒާމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން ކަމަށެވެ.
މި ކޮންފަރެންސްގައި އެކި މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެވޭނެއެވެ. އަދި މި ދާއިރާއާ ގުޅުންހުރި 8 ދިރާސީ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެ ކީނޯޓް ސްޕީކަރުން މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ 2020 ވަނަ އަހަރު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ވުޖޫދަށް އައުމެވެ. އެއަށްފަހު މި ދާއިރާ ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ.
ކޮންފަރެންސްގައި ހުށަހެޅޭ ދިރާސީ ކަރުދާސްތަކުގެ ތެރޭގައި ކަމާގުޅޭ އިދާރާތަކާއި، ކޮލެޖް އަދި ޔުނިވަރސިޓީތަކުން ތައްޔާރުކޮށްފައިވާ ޕޭޕަރުތައް ހިމެނެއެވެ.