ދިވެހި ހައްޖުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ގޮތަށް، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިކުރުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ. މިކަން މިއަދު ހާމަކުރީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.
މި އައު ނިޒާމުގެ ދަށުން، ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ވަނުމަށް ބޭނުންވާ އިމިގްރޭޝަން ފޯމަލިޓީތައް ފުރިހަމަކުރެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައެވެ. މީގެ ސަބަބުން ޖިއްދާ އެއަރޕޯޓުގައި ދިގު ވަގުތުތަކެއް ހޭދަކުރަން ނުޖެހި، ސީދާ ހޮޓަލަށް ދެވޭނެއެވެ.
އިސްލާމިކް މިނިސްޓްރީގެ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ މިހާތަނަށް މެލޭޝިއާ، އިންޑޮނޭޝިއާ އަދި ޕާކިސްތާން ފަދަ ހައްޖުވެރިން ގިނަ ޤައުމުތަކަށް އެކަނި ލިބިފައިވާ ޚާއްޞަ ފުރުޞަތެކެވެ. ރާއްޖެއަށް މި ފުރުޞަތު ލިބުމަކީ ސައުދީ އަރަބިއްޔާއިން ދިވެހިންނާ މެދު ބަހައްޓާ ޚާއްޞަ އަޚުވަންތަކަމުގެ ހެއްކެކެވެ.
މި އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ލިބޭ ފަސޭހަތަކުގެ ތެރޭގައި އިލެކްޓްރޯނިކް ހައްޖު ވީޒާ ދޫކުރުމާއި، ބަޔޯމެޓްރިކް ޑޭޓާ ނެގުމާއި، ސިއްޙީ ނިޒާމާ ގުޅޭ ކަންކަން ފުރިހަމަކުރުން ހިމެނެއެވެ. އަދި ހައްޖުވެރިންގެ ފޮށިތައް ސީދާ ހޮޓަލަށް ގެންގޮސްދިނުމުގެ ޚިދުމަތްވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި މުހިންމު ފުރުޞަތު ދިވެހިންނަށް ހޯއްދަވައިދެއްވި ކަމަށްޓަކައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢޫދަށާއި، ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނަށް ޚާއްޞަ ޝުކުރެއް އަރިސްކުރައްވާފައެވެ. އަދި މި މަޝްރޫޢުގައި އެހީތެރިވެދެއްވި އެހެނިހެން ފަރާތްތަކަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.