މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ސަރަހައްދުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވެއެވެ. މި ސަމާލު ދެމިއޮންނާނީ މިއަދު މެންދުރުފަހު 14:00 އާ ހަމައަށެވެ.
އިތުރު މަޢުލޫމާތު ދެއްވަމުން އިދާރާއިން ފާހަގަކުރެއްވި ގޮތުގައި، އިއްޔެއިން ފެށިގެން އެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރަމުންދާކަމަށާއި، އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށާއި، ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގައި އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މޫސުން ގޯސްވެފައިވާ ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށާއި، ކަނޑުމަތީގެ ސަލާމަތީ މިންގަނޑުތަކަށް ފަރުވާތެރިވުމަށް އިދާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ.



