މިއަހަރު ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ ހައްޖުވެރިން އަންނަ ހޯމަ ދުވަހުން ފެށިގެން ފުރަން ފެށުމާއެކު، އެއާޕޯޓުގެ ޓްރެފިކަށް ބުރޫ އަރާނެކަމަށް ބެލެވޭތީ، ފުލުހުންގެ އިރުޝާދުތަކަށް އަމަލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިންއިލްތިމާސްކޮށްފައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ހައްޖުވެރިން ފުރާނީ މި މަހުގެ 26 ވާ ހޯމަ ދުވަހާއި، 27 ވާ އަންގާރަ ދުވަހާއި، 29 ވާ ބުރާސްފަތި ދުވަހާއި އަދި 30 ވާ ހުކުރު ދުވަހުއެވެ. މި ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް އޮމާންކަމާއެކު ބެލެހެއްޓުމަށްޓަކައި އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ވެސް އެ ފަރާތުން ހާމަކުރެއްވިއެވެ.
ހައްޖުވެރިންގެ އިތުރުން އެއާޕޯޓުން ފުރާ އެހެނިހެން ފަސިންޖަރުންނަށް ވެސް ޓްރެފިކް ބާރުވުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ. އެހެންކަމުން، އެއާޕޯޓަށް ދަތުރުކުރާ އެންމެހާ ފަރާތްތަކުން ދުރާލާ އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން ހައްޖުވެރިން ފުރުވުމަށް އެއާޕޯޓަށް ދާ ގާތްތިމާގެ މީހުންނާއި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ ފަހެއްވާ ބުރާސްފަތި ދުވަހެވެ. މި އަހަރު ރާއްޖެއިން 1,000 މީހުން ހައްޖަށް ދިޔުމަށް ކޯޓާ ލިބިފައިވާއިރު، ހައްޖަށް މީހުން ގެންދިޔުމުގެ އެންމެހާ ކަންކަން ހަމަޖައްސަނީ ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުންނެވެ.



