ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް އަމާޒުކޮށްގެން ތަޢާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މާމަހި އެގްޒެކެޓިވް ލައުންޖުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި، މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައޫދީގެ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާގެ އިތުރުން، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީ، ފޮރިން މިނިސްޓްރީ އަދި އިމިގްރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ހަތަރު ޙައްޖުވެރިއަކަށް ޕާސްޕޯޓު ހަވާލުކުރެވުނެވެ. މިގޮތުން ފުރަތަމަ ޙާޖީއަށް ޕާސްޕޯޓު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ދެވަނަ ޙާޖީއަށް ޕާސްޕޯޓު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމެވީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މިއީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން، އެންމެހައި ޝަރުތުތަކުން ރާއްޖެ އިސްތިސްނާކޮށް ނިންމެވި ނިންމެވުމެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، މި އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިގެން ދިއުމަކީ ދިވެހި ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތައް ފަސޭހަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއަދު ފުރަތަމަ ގްރޫޕުގެ ގޮތުގައި 234 ޙައްޖުވެރިން ވަނީ މައްކާއަށް ފުރާފައެވެ.



