މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު އަށް ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށާއި މިއީ ދިވެހި ޙައްޖުވެރިންނަށް އެންމެ ލުއި އަހަރަށްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މި ކަމާ ގުޅޭގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ފުރަތަމަ 235 ޙައްޖުވެރީންނަށް ސައުދީ ސަރުކާރުން ވަނީ ވަރަށް ހޫނު މަރުހަބާއަކާ އެކު، ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައި ކަމަށެވެ. އަދި، ޙައްޖުވެރީން އެއާޕޯޓުގައި ގިނަ ވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ލިބިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އުންމީދަކީ ކުރިމަގުގައި މިއަށްވުރެ ވެސް ކަންކަން ފަހިވެގެންދިއުން ކަމަށެވެ.
ދިވެހި ޙައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މި އަހަރު ހޯދައިދެވޭތީ މާތްﷲގެ ހަޟްރަތަށް ހަމްދުުކޮށް، އެ މަނިކުފާނުވަނީ ސައުދީގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. އެ މަނިކުފާނުވަނީ ހިތްހަމަޖެހުމާއި، ދުޅަހެޔޮކަމާ އެކު، މަބްރޫރު ޙައްޖެއް، ދިވެހި ޙައްޖުވެރީންނަށް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވައިފައެވެ.



