މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ތިންވަނަ ގުރޫޕް ފުރައިފިއެވެ.
ޙައްޖުވެރިންގެ ތިންވަނަ ގުރޫޕް ފުރާފައިވަނީ 7:12 ހާއިރު ދިވެހިންގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގައެވެ. މިފްލައިޓުގައި 250 މީހުން ފުރާފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ރާއްޖެ ގަޑިން މެންދުރުފަހު 12:55 ހާއިރުއެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.
މިއަދު ޙައްޖުވެރިންގެ ތިންވަނަ ގުރޫޕް ފުރާފައިވާއިރު، ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ. ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.



