ހައްޖާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރުމަށް ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވޭ ގްރޭންޑް ހައްޖު ސިމްފޯޒިއަމް މިއަދު ފަށައިފިއެވެ. ޖިއްދާގެ ރިޓްޒް-ކާލްޓަން ހޮޓެލްގައި ކުރިއަށްދާ މި ސިމްފޯޒިއަމްގައި އިސްލާމީ އެކި ގައުމުތަކުގެ ހައްޖު މިޝަންތަކުން ބައިވެރިވެއެވެ.
މިއީ ގްރޭންޑް ހައްޖު ސިމްފޯޒިއަމްގެ 48 ވަނަ ބައްދަލުވުމެވެ. “ކެޕޭބިލިޓީ އިން ހައްޖު އެންޑް ކޮންޓެމްޕަރަރީ ޑިވެލޮޕްމަންޓްސް” ގެ ނަމުގައި ކުރިއަށްދާ މި ސިމްފޯޒިއަމަކީ ހިޖުރީ 1397 (މީލާދީ 1977) އިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.
ސައުދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އާއި ސީނިއާ އިލްމުވެރިންގެ މަޖިލީހާއި ކިންގް އަބްދުލްއަޒީޒް ފައުންޑޭޝަން ގުޅިގެން އިންތިޒާމްކުރާ މި ސިމްފޯޒިއަމްގައި ހައްޖުގެ އެކި ދާއިރާތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ހައްޖުގެ ދީނީ، ސަގާފީ އަދި އިޖްތިމާއީ ކަންކަމާއި، ހައްޖުވެރިންނަށް ދެވޭ ޚިދުމަތްތައް ހިމެނެއެވެ.
ސިމްފޯޒިއަމްގެ ތެރޭގައި މީޑިއާތަކަށް ޚާއްސަ އެވެއާނަސް ސެޝަނަކާއި، ހައްޖު މިޝަންތަކުގެ ޑޮކްޓަރުންނަށް ޚާއްސަ ހެލްތު ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހައްޖުވެރިންގެ ދަތުރުފަތުރު ފަސޭހަކުރުމަށް ސައުދީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، މައްކާ އަދި މިނާގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ.
ސިމްފޯޒިއަމްގެ ތެރޭގައި ސައުދީ އަރަބިއާގެ ހައްޖު އަދި އުމްރާ މިނިސްޓަރު ތައުފީގް ފައުޒާން އަލް-ރަބީއާ، ބައިވެރިވާ އެކި ގައުމުތަކުގެ ހައްޖު މިޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ހައްޖުވެރިންގެ ކަންކަން އިންތިޒާމުކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެއެވެ.



