ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން މި އަހަރު މައްކާއަށް ދަތުރުކުރި 1000 ހާޖީންގެ ހާލު ރަނގަޅުކަމަށް ސައުދީ އަރަބިޔާގައި ޤާއިމްކޮށްފައިވާ ހައްޖު މިޝަނުން ބުނެފިއެވެ.
ހައްޖު މިޝަނުން މަޢުލޫމާތު ދެމުން ބުނީ، ހާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މިވަގުތު ހައްޖު ކޯޕަރޭޝަނާއެކު މަޝާއިރުތަކަށް ހައްޖުވެރިން ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ކަމަށެވެ.
ދިވެހި ހައްޖުވެރިންގެ ދަތުރުތައް މިފަހަރު ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން ފަހިކޮށްދެއްވާފައެވެ. މީގެ ދަށުން ދިވެހި ހައްޖުވެރިންނަށް ވަނީ ސައުދީ އަރަބިޔާގެ އިމިގްރޭޝަންގެ އެންމެހާ މަރުހަލާތައް ފުރިހަމަކުރުމަށްފަހު މައްކާއަށް ފުރުމުގެ ފުރުސަތު ލިބިފައެވެ.



