ރާއްޖޭގެ ދެކުނު ސަރަޙައްދުގެ މޫސުން ވަރަށް ގޯސްވެފައިވާ ކަމަށާއި، މިއަދުގެ އިތުރު ވަގުތުތަކުގައިވެސް ވަރަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދީފިއެވެ.
އެގޮތުން މޫސުމާބެހޭ އިދާރާއިން ވަނީ މިއަދު ހެނދުނު 6:30 އިން 11:30 އާ ހަމައަށް، ހުވަދު އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ވައިޓް އެލާޓެއް ނެރެފައެވެ. މި މުއްދަތުގައި ބޯވާރޭ ވެހި، ގަދަ ގުގުރުމާއެކު ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
އެގޮތުން މޫސުމާބެހޭ އިދާރާއިން ހާމަކުރިގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީގެ ހުޅުމީދޫ އަށެވެ. އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް ހުޅުމީދޫއަށް 36.3 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އޭގެ ފަހުން އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް (24.1 މިލިމީޓަރު) އަދި ހިތަދޫއަށް (11.2 މިލިމީޓަރު) އެވެ.
އެހެނިހެން ރަށްތަކަށް ބަލާއިރު، ކ. ދިއްފުށްޓަށް 2.0 މިލިމީޓަރު، އދ. މާމިގިއްޔަށް 5.0 މިލިމީޓަރު އަދި ފުވައްމުލަކަށް 4.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.



