މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކަކީ މީގެ ކުރީގެ އަހަރުތަކާ އަޅާބަލާއިރު އެންމެ ރަނގަޅު އިންތިޒާމުތައްކަމަށް ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި އިންޓަވިއުގައި މިނިސްޓަރ ވަނީ ޙައްޖު ކޯޕަރޭޝަނުން ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ފުރިހަމަކަން ވަރަށް ބޮޑަށް ފާހަގަކުރެވޭކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ގިނަ ބަޔަކު ބައިވެރިވާ ހަރަކާތެއްގައި ދަތިތަކާ ކުރިމަތިލާންޖެހޭނެކަން ފާހަގަކުރައްވައި، ޙައްޖު ކޯޕަރޭޝަނުގެ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މިއަހަރު ހައްޖަށް ދިޔަ ގިނަ ޙައްޖުވެރިންނާ ބައްދަލުކުރެއްވުމުން ޚިދުމަތްތައް ވަރަށް ރަނގަޅުކަން އެނގިވަޑައިގެންނެވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ބައެއް ޙައްޖުވެރިން ރަނގަޅުކުރަން ފެންނަ ކަންކަން ހިއްސާކުރެއްވިކަމަށާއި، މިފަދަ ބޮޑެތި ކަންކަމުގައި އިސްލާހުކުރަންޖެހޭ ކަންތައްތައް ހުންނާނެކަންވެސް ވިދާޅުވިއެވެ.
މިއަހަރުގެ އެންމެ އުފާވެރި ކަމަކީ އެއްވެސް ޙައްޖުވެރިއަކު ނުގެއްލި، އެންމެން ސަލާމަތްތެރިކަމާއެކު ޙައްޖުގެ އަޅުކަން އަދާކުރެވުންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އަރަފާތުން މުޒްދަލިފާއަށް އަދި އެތަނުން މިނާއަށް ދަތުރުކުރުމުގައި އާންމުކޮށް ދިމާވާ ދަތިތަކާ މިއަހަރު ކުރިމަތިލާން ނުޖެހުނުކަން ފާހަގަކުރެއްވިއެވެ.
މިއަހަރު ސަރުކާރުން ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްއާއި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުންފަދަ ގިނަ ކަންކަން ހަމަޖައްސާފައެވެ. އަދި މިނާގައި ދިވެހި ޙައްޖުވެރިން ތިބި ފޭލިގެއަށް އިސްލާމިކް މިނިސްޓަރުގެ އިތުރުން ސަރުކާރުގެ އެހެން އިސް ބޭފުޅުންވެސް ޒިޔާރަތްކުރެއްވިއެވެ.



