މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
ޙައްޖުވެރިން އެނބުރި އައިސްފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. ހައްޖުވެރިންގެ ދެ ވަނަ ފްލައިޓު މި މަހުގެ 14 ވަނަ ދުވަހު ރާއްޖެއައި އިރު ތިން ވަނަ ފްލައިޓުގެ ޙައްޖުވެރިން އައިސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ފްލައިޓުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އައީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. އެގޮތުން ޙައްޖުވެރިން މިފަހަރު ސަޢުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޘިއޭޓިވްގެ ދަށުން ވަރަށް ލުއިފަސޭހަކަމާއެކުގައެވެ. މީގެ އިތުރުން މިނާ ފޭލިގެތަކުގެ ކެޓެގަރީ ބީ ކެޓެގަރީއަށް ބަދަލުކޮށް ފޭލިގެތަކުގެ ފެންވަރު މަތިކުރެވުނު އިރު ޢަރަފާތުގެ އިންތިޒާމްތައްވެސް ފާއިތުވެދިޔަ އަހަރުތަކަށްވުރެ ބޮޑުތަނުން ރަނގަޅު ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.



