އިސްރާއީލް ސިފައިންގެ އެކި ހަމަލާތަކުގައި، އިންސާނީ އެހީ ހޯދުމަށް އެއްވެ ތިބި ރައްޔިތުންނާއެކު32 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށް، އަދި ގިނަ އަދަދެއްގެ މީހުން ޒަޚަމް ކޮށްލަިއފިއެވެ.
އެގޮތުން ޣައްޒާ ސިޓީގެ ދެކުނުގައި ހުންނަ ނެޓްޒަރިމް ކޮރިޑޯ ސަރަހައްދުގައި އިންސާނީ އެހީ ހޯދުމަށް އެއްވެ ތިބި 11 ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލް ސިފައިން ވަނީ ވަޒަން ޖަހާފައެވެ. މި ހާދިސާގައި އެތައް ބަޔަކު ޒަޚަމްވެ، ބައެއް މީހުންގެ ހާލަތު ވަނީ ސީރިއަސްވެފައެވެ.
ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން ބުނާ ގޮތުގައި، އިސްރާއީލުން ހުއްދަ ދެނީ ވަރަށް މަދު އަދަދެއްގެ އެހީގެ ޓްރަކްތަކަށެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން އެހީ ހޯދުމަށް އެއްވެއެވެ. މި އެއްވުންތައް އިސްރާއީލްގެ ހަމަލާތަކުގެ އަމާޒަކަށް ވަމުންދާކަމަށާއި، އަދި ހަމަނުޖެހުން އުފެއްދުމަށް އިސްރާއީލުން ބާރުދޭ ހަތިޔާރުއެޅި ގޭންގުތަކުން މި އެހީތައް ވަގަށް ނަގަމުންދާކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
ޣައްޒާ ސިޓީގެ އަލް-ޒައިތޫން ސަރަހައްދުގައި ހުރި ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކުޑަކުއްޖަކާއެކު 3 މީހުން ޝަހީދުވެފައިވެއެވެ. އަދި މަޣާޒީ ރެފިއުޖީ ކޭމްޕްގައި ހުރި ގެއަކަށް ދިން ހަމަލާއެއްގައި 10 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. މީގެއިތުރުން، ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަހައްދުގައި ހުރި ޓެންޓުތަކަކަށް ދިން ހަމަލާއެއްގައި ކުޑަކުދިންނާއެކު 8 މަދަނީ ރައްޔިތުން ޝަހީދުވިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް 55,400 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވެއެވެ. މީގެ ގިނަ އަދަދަކީ އަންހެނުންނާއި ކުޑަކުދިންނެވެ.