މެއި 19 އިން ފެށިގެން ހަނގުރާމައިގެ ވޭންތަކާ ކުރިމަތިލާންޖެހިފައިވާ ޣައްޒާއަށް ފޮނުވާފައިވަނީ އެންމެ ދުވަހަކަށް ބޭނުންވާ ކާބޯތަކެއްޗަށްވުރެ ވެސް މަދު އެހީއެއް ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފިއެވެ.
ޑަބްލިއުއެފްޕީ އިން އެކްސްގައި ހިއްސާކޮށްފައިވާ ގޮތުގައި، މެއި 19 އިން ފެށިގެން ޣައްޒާއަށް ފޮނުވިފައިވަނީ އެންމެ 9،000 މެޓްރިކް ޓަނުގެ ކާބޯތަކެތީގެ އެހީއެވެ. މިއީ ހަތަރު ހަފްތާއަށް ބަހާލިނަމަވެސް އެންމެންނަށް އެންމެ ދުވަހަކަށް ބޭނުންވާ ވަރަށްވުރެވެސް މަދު އަދަދެކެވެ.
ޑަބްލިއުއެފްޕީ އިން އިތުރަށް ބުނީ އެހީ އިތުރުކުރުމަށް ތައްޔާރަށް ތިބިކަމަށެވެ. ނަމަވެސް، އެ ފަރާތުގެ މަސައްކަތް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް އިތުރު ވަސީލަތްތަކާއި ރަނގަޅު މާހައުލެއް ބޭނުންވާކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.
“މިހާރު އަމަލުކުރަންޖެހޭ ވަގުތު އައިސްޖެހިއްޖެ” ޑަބްލިއުއެފްޕީ ބުނެފައިވެއެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިންސާނީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އަދި އެތައް ހާސް ރައްޔިތުންނެއް ވަނީ ކާބޯތަކެއްޗާއި އަސާސީ ޚިދުމަތްތަކަށް ބޭނުންޖެހިފައެވެ. މި ހާލަތުގައި ބައިނަލްއަޤްވާމީ އެހީތެރިކަން އިތުރުކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.



