ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ މަރުކަޒުން ބުނެފިއެވެ.
މޫސުމާބެހޭ މަރުކަޒުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ދެކުނުގެ އަތޮޅުތަކުގެ މޫސުން ރަނގަޅުވާނެއެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި އެހެނިހެން ސަރަހައްދުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 7-17 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ކޮޅިގަނޑުގައިި ގަޑިއަކު 35 މޭލަށް ވައިގެ ބާރުމިން އިތުރުވުން އެކަށީގެންވެއެވެ.
މި ވަގުތުތަކުގައި ކަނޑުތައް މެދުމިނަށް ގަދަވެ، ވިއްސާރައިގެ ވަގުތުތަކުގައި އިތުރަށް ގަދަވާނެކަމަށް އެ މަރުކަޒުން އިންޒާރު ދީފައިވެއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައެރުމުގެ ބިރު އޮތްކަމަށާއި، މިހާރުވެސް މާލޭގެ ކާނިވާ ސަރަހައްދަށް ބޮޑެތި އުދަތައް އަރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
އެންމެ ފަހުން ލިބުނު މަޢުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ވާރޭ ވެހިފައިވަނީ ހދ. މަކުނުދޫއަށެވެ. އެރަށަށް 23 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާބެހޭ މަރުކަޒުގެ ތަފާސްހިސާބުތަކުން ދައްކައެވެ.



