ދަރިވަރުންގެ ނަތީޖާ ދަށްވަނީ ސްކޫލް މާހައުލު ގޯސްވެގެން އެކަނި ނޫން ކަމަށާއި، ދަރިވަރުންގެ ނަތީޖާ ދަށްވުމުގެ ސަބަބުތަކުގެ ތެރޭގައި އާއިލާ އާއި މުޖުތަމައުގެ ތެރެއިން ކުރާ އަސަރު ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން ތައުލީމަށް ކުރާ ހޭދަޔާ އަޅާ ބަލާއިރު ރަނގަޅު ނަތީޖާއެއް ނެރެވެން ޖެހޭނެ ކަމަށާއި، ގައުމީ ފެންވަރުގައި ދަރިވަރުންގެ ފަރާތުން ފެންނަނީ އެންމެ އެދެވިގެންވާ ނަތީޖާއެއް ނޫނެވެ. އެހެންނަމަވެސް، ޓީޗަރުންގެ ހުނަރު އިތުރަށް ތަރައްގީކޮށް، އެހީތެރިކަން އިތުރުކޮށްގެން ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، މަދަރުސީ މާހައުލުން ކުރާ އަސަރަށް ވުރެ، މުޖުތަމައުންނާއި އާއިލާގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް ކުރާ އަސަރު މާ ބޮޑެވެ. “މިސާލަކަށް ވަރަށް އިންޓެލިޖެންޓް ކުއްޖެއް އެ ކުއްޖާއަކީ، އެ ކުއްޖާ ކިތަންމެ އިންޓެލިޖެންޓް ވިޔަސް ގޭގަ މަސްތުވާތަކެތި، މުޖުތަމައަށް ނުރައްކާތެރިވީ، ކުއްޖާގެ އާއިލާ ރޫޅުނީ، ކުއްޖާ ބަލަހައްޓާނެ މީހަކު ނެތީ، ބިކަވީ، އެހެންވެއްޖިއްޔާމު އެ ކުއްޖާ ކިތަންމެ އިންޓެލިޖެންޓް ކުއްޖަކަށް ވިޔަސް ނަތީޖާ ދަށްވެދާނެ،” މިނިސްޓަރު ވިދާޅުވިއެވެ.
ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި މުޅި މުޖުތަމައު އެކުގައި މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި ތައުލީމީ ދާއިރާ ރަނގަޅު ކުރުމަށް ‘ތައުލީމަށް އިންގިލާބީ ބަދަލު’ ގެ ނަމުގައި 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއް ވެސް މިދިޔަ އަހަރު ސަރުކާރުން ފަށާފައިވާކަން ފާހަގަކުރެވެއެވެ.




ކިތަންމެ ރަނގަޅު ކޮމެންޓެއް ކުރިޔަސް ނުޖަހައެއްނޫން..މުޖުތަމަޢު ރަނގަޅު ވުމަށް ބޭނުމެއް ނުވޭ.