ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގައި ހަރުކޮށްފައިވާ އެއަރޯބްރިޖްތަކުގެ ޓެސްޓް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް ނިންމާލައިފިއެވެ. މިއީ ރާއްޖޭގެ ވައިގެ ބަނދަރެއްގައި އެއަރޯބްރިޖް ބޭނުންކުރަން ފެށި ފުރަތަމަ ފަހަރެވެ.
މިހާރު ވައިގެ ބަނދަރުގައި މަތިންދާބޯޓަކުން ފައިބާ ފަސިންޖަރުން ޓާމިނަލަށް ވަނުމަށް 35 މިނެޓް ހޭދަވެއެވެ. އަދި ވާރޭވެހޭ ދުވަސްދުވަހާއި ހޫނުގަދަ ދުވަސްދުވަހު ފަސިންޖަރުން ބަހަށް އެރުމަށް މަޑުކުރަން ޖެހެއެވެ. ނަމަވެސް އާ އެއަރޯބްރިޖް ބޭނުންކުރަން ފެށުމުން މި ވަގުތު އަށް މިނެޓަށް ކުރުވެގެންދާނެއެވެ.
އިއްޔެ ބޭއްވުނު ޓެސްޓްގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެ ވަޑައިގަތެވެ. އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންކަމަށްވާ މުހައްމަދު ލަމާން އަދި މުޖްތަބާ ލަތީފްވެސް މި ތާރީހީ ވަގުތު ބައްލަވާލެއްވިއެވެ. މި ޓެސްޓްގައި މޯލްޑިވިއަންގެ އެއަރބަސް އޭ330 އަދި އޭ320 މަތިންދާބޯޓު ބޭނުންކޮށްގެން އާ ޓާމިނަލްގައި ހަރުކޮށްފައިވާ 12 އެއަރޯބްރިޖްގެ ތެރެއިން ދެ އެއަރޯބްރިޖް ޓެސްޓްކުރެވުނެވެ.
މި ކާމިޔާބު ޓެސްޓާ ގުޅިގެން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފް ވިދާޅުވީ މިއީ އެމްއޭސީއެލް އަދި މުވައްޒަފުންނަށް އުފާވެރި ދުވަހެއް ކަމަށާއި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެސެންޖަރ ބޯޑިންގ ބްރިޖް އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރެވިއް ކަމަށެވެ.
އެއަރޯބްރިޖްގެ އިތުރުން، ވީއައިއޭގައި އެޑްވާންސްޑް ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމް (އޭވީޑީޖީއެސް)ވެސް ޓެސްޓް ކޮށްފައިވެއެވެ. މިއީ ދުބާއި އަދި ސިންގަޕޫރު ފަދަ އެއަރޕޯޓްތަކުގައި ބޭނުންކުރާ ޒަމާނީ ސިސްޓަމެކެވެ. މި ސިސްޓަމްގެ ސަބަބުން ވާރެވެހޭ ދުވަސްދުވަހުގައި އަދި ދުރު ފެންނަ މިން ދަށްވާ ދުވަސްދުވަހުގައިވެސް މަތިންދާބޯޓުތައް ރައްކާތެރިކަމާއެކު ޕާކްކުރެވޭނެއެވެ. އަދި މުވައްޒަފުންނާއި ފަސިންޖަރުންގެ ރައްކާތެރިކަން އިތުރުކުރުމަށް ހުރަސްތައް ދެނެގަތުމުގެ ނިޒާމެއްވެސް މީގައި ހިމެނެއެވެ.



