ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރިގޮތުގައި މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީކުރެވޭނީ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ.
މި މުބާރާތަށް ރަޖިސްޓްރީކުރުމުގެ މުއްދަތު ކަނޑައަޅާފައިވަނީ މިއަހަރުގެ ޖުލައި 13 އިން އޮގަސްޓު 17 ގެ ނިޔަލަށެވެ. އަދި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް one.gov.mv/entities/CHQ މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މި މުބާރާތަކީ ރާއްޖޭގައި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު އެއް މުބާރާތެވެ.
އަދި މިއީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވާތީ، މިދިޔަ އަހަރުން ފެށިގެން މުބާރާތުގެ ފެންވަރު ރަނގަޅުކޮށް، ބައިވެރިންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ މުބާރާތަކަށް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



